وَإِذا كُنتَ فيهِم فَأَقَمتَ لَهُمُ الصَّلاةَ فَلتَقُم طائِفَةٌ مِنهُم مَعَكَ وَليَأخُذوا أَسلِحَتَهُم فَإِذا سَجَدوا فَليَكونوا مِن وَرائِكُم وَلتَأتِ طائِفَةٌ أُخرىٰ لَم يُصَلّوا فَليُصَلّوا مَعَكَ وَليَأخُذوا حِذرَهُم وَأَسلِحَتَهُم ۗ وَدَّ الَّذينَ كَفَروا لَو تَغفُلونَ عَن أَسلِحَتِكُم وَأَمتِعَتِكُم فَيَميلونَ عَلَيكُم مَيلَةً واحِدَةً ۚ وَلا جُناحَ عَلَيكُم إِن كانَ بِكُم أَذًى مِن مَطَرٍ أَو كُنتُم مَرضىٰ أَن تَضَعوا أَسلِحَتَكُم ۖ وَخُذوا حِذرَكُم ۗ إِنَّ اللَّهَ أَعَدَّ لِلكافِرينَ عَذابًا مُهينًا
ދިވެހި (Dhivehi)
އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން غافل ވާނެނަމައޭ ހިތައި، كافر ވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް حملة ދީފާނެތެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ކާފިރުންނަށް، إهانة ތެރި عذاب، اللَّه ތައްޔާރުކުރެއްވިއެވެ.